ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދިވެހިރާއްޖެ މިވަގުތު ވަނީ ނުރައްކާތެރި މާލީ އަދި އިގްތިސާދީ ހީނަރުކަމެއްގައެވެ. 2023 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަނީ %25 ދަށަށް ގޮސްފައެވެ. އަދި 2024 ގެ ޖުލައި މަހާ ހަމައަށް އައިއިރު ބޭނުންކުރެވޭ ރިޒާވް ވަނީ އެންމެ މަހެއްގެ އިމްޕޯޓަށްވެސް ނުފުދޭ މިންވަރަށް ދަށްވެފައެވެ. 2023 ގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން %116.5 އަށް އަރާފައިވާ ދަރަންޏާއި އަދި މަޑުޖެހުމެއްނެތި ތަކުރާރުވަމުންދާ ބަޖެޓާއި ކަރަންޓް އެކައުންޓް ޑެފިސިޓްއާއެކު، އިޤްތިޞާދީ ހާލަތު ވަނީ ކޮންޓްރޯލުން ބޭރުވެފައެވެ.
ފަތުވެރިކަމުގެ ސިނާއަތުން ޖީޑީޕީ އަށް %25 އަށްވުރެ ބޮޑު މިންވަރެއް، އަދި ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %80 އާއި ގާތްކުރާ މިންވަރެއް ހިއްސާކުރާއިރު، މި ސިނާއަތަކީ ރާއްޖޭން ބޭރުގެ މާކެޓްތަކަށް އަންނަ ބަދަލުތަކުގެ އަސަރު ވަރަށް ބޮޑަށް ފޯރާ ސިނާއަތެކެވެ. 2024 ގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް ވަނީ އިތުރު %28 އަށް ދަށްވެފައެވެ. މިއީ ދިވެހިރާއްޖޭގެ އިގްތިސާދުގެ ހާލަތު އިތުރަށް ގޯސްވަމުންދާކަން ދައްކުވައިދޭ ކަމެކެވެ. ހިންގުމުގެ ދާއިރާގައި ހުރި ބައެއް އުނިކަންކަމާއި ގުޅިގެންނާއި އިމްޕޯޓަށް ކުރަންޖެހޭ ހޭދަ އިތުރުވަމުން ދިއުމާއެކު ކަރަންޓް އެކައުންޓް ޑެފިސިޓް އިތުރުވެ، އިގްތިސާދީ ގޮންޖެހުންތައް ދަނީ އިތުރުވަމުންނެވެ.
ދުނިޔޭގެ އިގްތިސާދީ މާހައުލަށް އަންނަ ބަދަލުތަކުގެ އަސަރު ހަމަ ވަގުތުން ވަގުތަށް ކުރާ ގައުމެއްގައި، ޚަރަދު ކުޑަކުރުމާއި ޓެކްސް ބޮޑުކުރުން ފަދަ އާންމު މާލީ ހަރުކަށި ފިޔަވަޅުތަކުން ލިބިދާނެ ފައިދާއަށްވުރެ ގެއްލުން ބޮޑުވުމަކީ އެކަށީގެންވާކަމެކެވެ. ދިވެހިރާއްޖެއަށް މިފަދަ ހަރުކަށި ފިޔަވަޅުތަކަކީ ދެމިޔަލީ ކަނޑިއެއް ބޭނުންކުރުން ފަދަ ކަމަކަށް ވެދާނެއެވެ. ޚަރަދު ކުޑަކުރެވުނު ނަމަވެސް އިގްތިސާދުގެ ފަންވަރު ގެއްލިގެން ހިނގައިދާނެއެވެ. ސްޓިގްލިޓްޒް (2012) އިންޒާރުދޭ ގޮތުގައި، މާލީ ސުލޫކު ބޭނުންވި ނަމަވެސް، ހަރުކަށި އިގްތިސާދީ ސިޔާސަތުތަކުން ބައެއް ފަހަރު ހަމަހަމަކަން ގެއްލި އިޖްތިމާއީ ހިތްހަމަނުޖެހުން އިތުރުވެދާނެއެވެ.
(ނުނިމޭ)