ރާއްޖޭގެ އިގްތިސާދު ހީނަރުވެފައިވާ ވާހަކައަކީ ވަރަށް ގިނައިން އިވޭ އެއް އަޑެވެ. މިއީ ގައުމެއްގެ ހައިސިއްޔަތުން ކަނބޮޑުވާންޖެހޭ ވާހަކައެކެވެ. އިގްތިސާދާ ބެހޭގޮތުން އެކިއެކި ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާ މެދު ކަންބޮޑުވުން އިތުރު ހަރުފަތަކަށް އުފުލިގެންދަނީ މިކަމާ ގުޅޭ ގޮތުން ވޯލްޑް ބޭންކުން މި އަހަރުގެ އޮކްޓޯބަރުގައި އާންމުކުރި ރިޕޯޓުން އެ ވާހަކަތަކަށް ބާރު ލިބޭތީއެވެ.
އޮކްޓޯބަރު މަހު ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގެ ސުރުޚީ އެކަނި އިންޒާރަކަށް ފުދެއެވެ. ‘ބެޓަން ޑައުން ދަ ހެޗަސް’ ނޫނީ ބޯމަތިވަމުން އަންނަ ވިލާގަނޑަށް ތައްޔާރުވެ ތިބުމަށް މި ސުރުޚީ އެބަ ބުނެއެވެ. މިއީ އިގްތިސާދު އޮތީ ނާޒުކު ހާލަތެއްގައި ކަމާއި އޭގެ ސަބަބުން ގައުމަށް ކުރިމަތިވެދާނެ ދަތިތަކަށް ނުވަތަ ލޮޅުންތަކަށް ތައްޔާރުވުމުގެ ރަނގަބީލުކަމަށް ބެލެވިދާނެއެވެ.
މި ދެންނެވި ރިޕޯޓުގައި ވަރަށް ގިނަ ކަންކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މިލިޔުމުގައި ބަލައިލާނީ އޭގެތެރެއިން 7 (ހަތް) ކަމަކަށެވެ. އަދި މިއިން ކޮންމެ ކަމަކާގުޅޭގޮތުން ރިޕޯޓުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާ ވާހަކަތަކުގެ ޚުލާސާއެއް ހުށަހަޅައި ދިނުމަށް މަސައްކަތްކުރާނަމެވެ.
(1) ކަރަންޓް އެކައުންޓްގެ ޑެފިސިޓް ބޮޑުތަނުން އިތުރުވަމުން ދިއުން
ކަރަންޓް އެކައުންޓް ބެލެންސްގެ ތެރޭގައި މުދަލާއި ޚިދްމަތް އިމްޕޯޓް ކުރުމަށާއި އެކްސްޕޯޓް ކުރުމުގެ މުއާމަލާތަށް ބޭރުވާ އަދި އެތެރެވާ ފައިސާ (ޓްރޭޑް ބެލެންސް) އާއި ރާއްޖެއަށް ލިބޭ ހިލޭ އެހީއާއި ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުން ރާއްޖޭން ބޭރަށް ފޮނުވާ (ރެމިޓަންސް) ފައިސާ ހިމެނެއެވެ. ކަރަންޓް އެކައުންޓް ޑެފިސިޓްވަނީ ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާ، ރާއްޖެއަށް ވަންނަ ފައިސާއަށްވުރެ އިތުރުވީމައެވެ.
2021ވަނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓަކީ ޖީޑީޕީގެ 8.7 އިންސައްތަ އެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެއީ 455 މިލިއަން ޑޮލަރެވެ. ޖެހިގެން އައި 2022 ގައި ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުތަނުން އިތުރުވިއެވެ. 2022ވަނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓްގެ މިންވަރަކީ ޖީޑީޕީގެ 16.8 އިންސައްތަ އެވެ. އެއީ 1.03 ބިލިއަން ޑޮލަރެވެ. ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވިއިރު ޓްރޭޑް ޑެފިސިޓް ވެސް ދިޔައީ ބޮޑުވަމުންނެވެ. މިގޮތުން 2022ވަނަ އަހަރު ޓްރޭޑް ޑެފިސިޓަކީ 2.9 ބިލިއަން ޑޮލަރެވެ. އަދި މިހާރު ފެންނަން ހުރި ހިސާބުތަކަށް ބަލާއިރު 2023 ގައި ވެސް މިއަދަދު ހުންނާނީ 2022 އާއި ދާދި އެއްހަމައެއްގައެވެ.
(2) ރަސްމީ ރިޒާވަށް ބާރު ބޮޑުވުމާއި، ބޭރުގެ ލޮޅުންތަކުން ރާއްޖެއަށް ކޮށްފާނެ ނޭދެވޭ އަސަރުތައް އިތުރުވުން
ރާއްޖޭގެ އިގްތިސާދަށް ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއެރުން ލިބުނު ނަމަވެސް ޓްރޭޑް ޑެފިސިޓް އިތުރުވާތީ ބެލެންސް އޮފް ޕޭމަންޓްސްއަށް ވަނީ ބާރު ބޮޑުވެފައެވެ. އަދި ޓްރޭޑް ޑެފިސިޓް އިތުރުވުމުގެ ސަބަބުން ރަސްމީ ރިޒާވަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވެއެވެ. އެގޮތުން 2022ވަނަ އަހަރު ނިމުނުއިރު ރިޒާވުގައި ހުރީ 3 މަސްދުވަހުގެ އިމްޕޯޓަށް ބޭނުންކުރެވޭނެ މިންވަރުގެ ފައިސާއެވެ. އަދި 2023ވަނަ އަހަރުގެ ޖުލައި މަސް ނިމުނުއިރު ރިޒާވުގައި ހުރީ 594.1 މިލިއަން ޑޮލަރެވެ. އެއީ 2 މަސްދުވަހުގެ އިމްޕޯޓާ އެއްވަރުގެ މިންވަރެކެވެ. އަދި މިއަށްވުރެ ބޮޑު ކަންބޮޑުވުމެއް އޮތީ ބޭނުންކުރެވޭ ރިޒާވް، ނުވަތަ ޔޫސަބަލް ރިޒާވް، 268 މިލިއަން ޑޮލަރުން 125 މިލިއަން ޑޮލަރަށް ތިރިވެފައިވާތީއެވެ. އެހެންގޮތަކަށް ދަންނަވާނަމަ މިއީ 27 ދުވަހުގެ އިމްޕޯޓުން 12 ދުވަހުގެ އިމްޕޯޓަށް ޔޫސަބަލް ރިޒާވް ތިރިވުމެވެ.
(3) ބަޖެޓް ޑެފިސިޓް ފޫބެއްދުމަށްޓަކައި ހުއްޓުމެއްނެތި ފައިސާ ޗާޕުކުރުން
ދައުލަތުގެ ޚަރަދުތަކަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތަކަށް ކޯވިޑާއި ގުޅިގެން ހޯދި އިސްތިސްނާގެ މުއްދަތު 2020 އިން 2023 އަށް ދިގު ދަންމާފައިވެއެވެ. ހަމައެހެންމެ އެ މުއްދަތުގައި ޕަބްލިކް ބޭންކް އެކައުންޓް އޯވަރޑްރޯ ކޮށްގެން ހޯދާފައިވާ ފައިސާގެ ބޮޑުބައެއް (8 ބިލިއަންގެ ތެރެއިން 6 ބިލިއަން ރުފިޔާ) ސެކިއުރިޓައިޒް ކޮށްފައިވެއެވެ. 2023 ގެ މެއި މަހާ ހަމައަށް ސަރުކާރުން އެމްއެމްއޭ އަށް ދައްކަންޖެހޭ ދަރަނީގެ ޖުމްލައަކީ 13.8 ބިލިއަން ރުފިޔާއެވެ. މިއީ އެމްއެމްއޭ ގެ ޖުމްލަ އެސެޓުގެ 56.8 އިންސައްތައެވެ.
(4) 2023 ގައި އާމްދަނީ އިތުރުވި ނަމަވެސް ޚަރަދުތައް ބޮޑުކަމުން އާމްދަނީ އިތުރުވުމުގެ މަންފާއެއް ނުލިބުން
2022ވަނަ އަހަރުގެ ޖެނުއަރީން އޭޕްރީލަށް ހިނގާފައިވާ ޚަރަދަށްވުރެ، 2023ވަނަ އަހަރުގެ ޖެނުއަރީން އޭޕްރީލަށް ހިނގާފައިވާ ޚަރަދު 33.5 އިންސައްތަ އިތުރުވެފައިވެއެވެ. މިހާ ބޮޑުތަނުން ޚަރަދު އިތުރުވެފައިވަނީ އާސަންދައިގެ ޚަރަދު އިތުރުވުމާއި، ސިއްހީ ދާއިރާގެ މުސާރަ އިތުރުވުމާއި، ދަރަނީގެ އިންޓަރެސްޓް ހޭދަ އިތުރުވުމާއި، ހިފެހެއްޓުމެއްނެތި ކެޕިޓަލް ޚަރަދު އިތުރު ވަމުން ދިއުމުގެ ސަބަބުންނެވެ.
(5) ކެޕިޓަލް ޚަރަދުތައް އިތުރުވަމުން ދިޔަ ނަމަވެސް ޚަރަދު ކުޑަކުރުމަށް މަސައްކަތް ނުކުރުން
ކެޕިޓަލް ޚަރަދު ކުޑަވާނެ ކަމަށް 2023ވަނަ އަހަރުގެ ބަޖެޓްގައި ލަފާކޮށްފައި ވީނަމަވެސް، 2023 ގެ ޖެނުއަރީން އޭޕްރީލުގެ ނިޔަލަށް ކެޕިޓަލް ޚަރަދުވަނީ އޭގެ ކުރީ އަހަރުގެ ޚަރަދަށް ވުރެ 43 އިންސައްތަ އިތުރުވެފައެވެ. ބޮޑުތަނުން ކެޕިޓަލް ޚަރަދު އިތުރުވެފައިވަނީ ކޮމާޝަލް ލޯނުން ޚަރަދުކޮށްގެން ހިންގާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓާއި، ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތަކާއި، ބިންހިއްކުމާއި، ހައުސިން ޕްރޮޖެކްޓްތަކުގެ ސަބަބުންނެވެ.
ކެޕިޓަލް ޚަރަދު އިތުރުވަމުން ދިޔަ ނަމަވެސް ޚަރަދު ކުޑަކުރުމަށްޓަކައި ސަބްސިޑީ ދިނުމުގެ އުސޫލަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތައް ގެނެސްފައެއް ނުވެއެވެ. 2023 އޯގަސްޓާއި ހަމައަށް އައިރު ސަބްސިޑީއަށް ކުރާ ޚަރަދު ބަޖެޓްކޮށްފައިވާ 2.28 ބިލިއަން ރުފިޔާ ފަހަނައަޅައި 2.63 ބިލިއަނަށް އަރާފައިވެއެވެ. މީގެ ކުރިން ދުވަހަކުވެސް ސަބްސިޑީ ޚަރަދު މިހާ މައްޗަށް އަރާފައެއް ނުވެއެވެ.
(6) އިގްތިސާދުގެ ސައިޒަށްވުރެ ދަރަނި ބޮޑުވުން
2021ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 5.9 ބިލިއަން ޑޮލަރު ގައެވެ. އެއީ ޖީޑީޕީ ގެ 112.1 ޕަސެންޓެވެ. އަދި 2022 ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 7 ބިލިއަން ޑޮލަރު ގައެވެ. އެއީ ޖީޑީޕީ ގެ 113.5 ޕަސެންޓެވެ. މީގެ ތެރެއިން އެތެރޭގެ ދަރަނީގެ މިންވަރަކީ ޖީޑީޕގެ 62.1 ޕަސެންޓެވެ. އަދި ބޭރުގެ ދަރަނީގެ މިންވަރަކީ ޖީޑީޕީގެ 51.4 ޕަސެންޓެވެ. މި އަދަދުތަކުގެ ތެރޭގައި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބައެއް މާއްދާތަކަށް އިސްތިސްނާ ގެނެސް 2020 އިން ފެށިގެން އެމްއެމްއޭ އިން ނަގާފައިވާ އެޑްވާންސަސް ނުހިމެނެއެވެ.
(7) ދަރަނި އަނބުރާ ދައްކަންޖެހޭ މިންވަރު ބޮޑުތަނުން އިތުރުވަމުން ދިއުމާއި އަންނާން އޮތް 2026
2022 ގައި ފައިސާ ދައްކަންޖެހޭ 250 މިލިއަން ޑޮލަރުގެ ޔޫރޯ-ބޮންޑްގެ 77 ޕަސެންޓް ދައްކާފައިވަނީ 2021 ގައި ދޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކު މެދުވެރިކޮށެވެ. ނަމަވެސް ފާހަގަކޮށްލަންޖެހޭ މުހިންމު ނުކުތާތަކަކީ ސުކޫކުގެ ޚަރަދު ބޮޑުކަމާއި، ކޫޕަން ރޭޓަކީ 9.875 ޕަސެންޓުކަމާއި، ޔީލްޑްއަކީ 10.5 ޕަސެންޓުކަމާއި، 2026 ގައި ސްކޫކުގެ އަގު އަދާކުރަންޖެހޭނެކަމެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓަރަށް ދޫކޮށްފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑަށް 2023 ގައި އަގު އަދާކުރުމުގެ ބަދަލުގައި 2026ވަނަ އަހަރަށް އެކަން ފަސްކޮށްފައިވެއެވެ. މިގޮތުން 2024ވަނަ އަހަރާއި 2025ވަނަ އަހަރު، ގާތްގަނޑަކަށް އަހަރަކު 570 މިލިއަން ޑޮލަރު އަނބުރާ ދައްކަންޖެހެއެވެ. އަދި 2026ވަނަ އަހަރުގައި ޑެޓް ސަރވިސިންގެ އަދަދު މީގެ ދެގުނައަށް އިތުރުވެ، 1.07 ބިލިއަން ޑޮލަރު އަނބުރާ ދައްކަންޖެހޭނެއެވެ.
މި ފާހަގަކޮށްލެވުނީ ވޯލްޑް ބޭންކުގެ ރިޕޯޓުގައި ހިމަނާފައިވާ ބައެއް ކަންކަމަވެ. ހަމައެކަނި މިކަންކަމަށް ބަލައިލި ނަމަވެސް ކުރިއަށް ހުރި މާލީ ގޮންޖެހުންތައް އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި ހުއްޓުމެއްނެތި ޚަރަދު އިތުރުކުރަމުން ގޮސްފިނަމަ ކުރު ރާސްތާގައި ރާއްޖެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރުވެރިކަން އެބައޮތެވެ. މި ނާޒުކު ހާލަތުން އަރައިގަތުމަށް އޮތް ހައްލަކީ ޚަރަދު ކުޑަކުރުމާއެކު އާމްދަނީ އިތުރުކޮށް، ދަރަނީގެ ދަންތުރަތަކުން ސަލާމަތްވުމަށް ރޭވުންތެރިކަމާއެކު މަސައްކަތްކުރުމެވެ.